އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް އަލުން ކުރިއަށްގެންދާއިރު ޝަރީއަތުގެ މަޖިލިސް ލައިވް ކުރަން ނިންމައިފިއެވެ.
ވ. އާރަށުގެ މައްސަލަ ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކޮށް، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބެލުމަށް ހައިކޯޓުން ހުކުމް ކުރީ 18 އެޕްރީލް 2024 ދުވަހުއެވެ.
މިމައްސަލައިގެ އަޑުއެހުންތައް މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު، ޔާމީންގެ ވަކީލުން ވަނީ މީގެކުރިންވެސް އަޑުއެހުންތައް ލައިވްކޮށް ކުރިއަށްގެންދިޔަކަން ފާހަގަކޮށްފައެވެ. އަދި މިފަހަރުގެ ޝަރީއަތްވެސް ލައިވްކޮށް ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ.
ޔާމީންގެ ވަކީލުން މިގޮތަށް އެދުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ދެން އޮންނަ އަޑުއެހުމަކުން ފެށިގެން ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިއުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަކަށްވެސް ފުރުސަތު ދީފައެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ފުރުސަތު ދެއްވާފައިވެއެވެ. ގާޒީ ވިދާޅުވީ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މަހު ބާއްވާނެ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެމާއި މަނީލޯންޑަރިިން ކުށް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމް ކުރިއެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއެވެ. މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.