މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށްވުރެ އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،304،236 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,181,093 ފަތުރުވެރިންނެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ މިދިޔަ އަހަރ،ު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތް ޗައިނާ އިންނެވެ. ޗައިނާއިން ރާއްޖެއަށް 184،632 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ދެވަނައިގައި އޮތީ މިދިޔަ އަހަރުވެސް ދެވަނައިގައި އޮތް ރަޝިޔާ އެވެ. ރަޝިޔާއިން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 139،308 އަށް އަރަ އެވެ.
މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އިންޑިއާ އޮތީ ލިސްޓުގެ ހަވަނައިގަ އެވެ. އިންޑިއާއިން މިއަހަރުގެ މިހާތަނަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އަދި 100،000 އަށްވެސް ނާރަ އެވެ. އިންޑިއާ ފަތުރުވެރިންގެ އަދަދު އުޅެނީ 77،000 ގަ އެވެ.
މިއަހަރުގެ މިހާތަނަށް ތަފާސްހިސާބުތަކަށް ބަލާއިރު މެއި މަސް ފިޔަވާ އެހެން ހުރިހާ މަހެއްގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް ވުރެ އިތުރެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 200،000 ފަތުރުވެރިން ރާއްޖެއަށް ގެނައުންކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.