ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީއާއި މަޝްވަރާ ކުރައްވައިފި އެވެ.
ޒަމީރު، މިކަމުގައި މަޝްވަރާކުރައްވާފައިވަނީ ސައުދީ މަރުކަޒީ ބޭންކުގެ ގަވަރުނަރު، ހިޒް އެކްސެލެންސީ އައިމަން އަލް ސަޔާރީއާ ބައްދަލު ކުރެއްވުމުގެ ތެރެއިން ނެވެ. ވަޒީރު ސައުދީ މަރުކަޒީ ބޭންކްގެ ގަވަރުނަރުއާއި ބައްދަލުކުރެއްވީ މިހާރު އެގައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނެވެ.
ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ އިގްތިސާދީ ޙާހާލަތާއި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވާ ގޮތާއި، އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ބެހޭގޮތުން ގަވަރުނަރުއާއި މަޝްވަރާކުރައްވާފައިވާކަން ހާމަކުރައްވާފަ އެވެ. އަދި ކަރަންޓް އެކައުންޓް ޑެފިސިޓްގެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިލެޓަރަލް ޓްރޭޑް ފުޅާކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވެސް ވާހަކަދައްކަވާފައިވާ ކަމަށް ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އަދި ދެގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުން ކުރިއަށް އޮތްތަނުގައި އެއްބާރުލުން ދިނުމުގެ މަގުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ފޮރިން މިިނިސްޓްރީން ބުންޏެވެ. މިއަހަރަކީ ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ޑިޕްލޮމެޓިކް ގުޅުމަށް 43 އަހަރު ފުރޭ އަހަރެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޒަމީރު، ސައުދީ އަރަބިއްޔާ ސަރުކާރުގެ އިސް އެހެން ބޭފުޅުންގެ އިތުރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިނިސްޓަރު ޒަމީރު ރިޔާދުުގައި ދިރިއުޅޭ ދިވެހންނާއި ވެސް މުއާމަލާތްކޮށް، ހާލަތާއި ބެހޭ ގޮތުން ސުވާލު ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އޮގަސްޓް މަހުގެ 18 އިން 22 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރުގެ އަރިހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު، އެމްބެސެޑަރ އެޓް ލާޖް، އަހުމަދު ނަސީރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގަންނަވެ އެވެ.
ރާއްޖެ - ސައުދީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު