އޮސްޓްރޭލިއާ ނޭވީގެ އިމާމާއި މައްކާގެ ޕްރޮފެސަރެއް މި ހުކުރު ދުވަހު ހުތުބާ ދެއްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މި މައުލޫމާތު ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކުރައްވާނީ މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ހަމްދާން އައްސުލަމީ ކަމަށެވެ. އަދިި ހުތުބާ ދެއްވާނީ ޢަރަބި ބަހުން ނެވެ. ޚުޠުބާގެ ލައިވް ދިވެހި ތަރުޖަމާ ޓީވީތަކުން ގެނެސްދޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިސްލާމީ މަރުކަޒުގައި އެންމެ ފުރަތަމަ ޢަރަބި ބަހުން ޚުޠުބާއެއް ދެއްވާފައިވަނީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މިޞްރުގެ ޝައިޚުލް އަޒްހަރު ފަޟީލަތުއްޝައިޚު ޖާދަލްޙައްޤު ޢަލީ ޖާދަލްޙައްޤު ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ. މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ސުބައްޔިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަހަރު ނޮވެމްބަރު 11 އަށް އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރުވާނެ އެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ޚާއްޞަ ޙަފްލާއެއް ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
މީގެ އިތުރަށްވެސް، 23 އޯގަސްޓް ވާ ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޛު މަޖްދީ ޢީސ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. އެބޭފުޅާ ޚުޠުބާ ދެެއްވާނީ އިނގިރޭސި ބަހުން ނެވެ. އެބޭފުޅާއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ތައުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.
ހުކުރު ހުތުބާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް