އިޒްރޭލަށް ހަތިޔާރު ފޯރުކުރުން ހުއްޓުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖެއިން މިކަމަށް ގޮވާފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 19 އިން 23 އަށް ޖެނީވާގައި ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ސްޓޭޓް ޕާޓީސް ޓު ދަ އާމްސް ޓްރޭޑް ޓްރީޓީގެ 10 ވަނަ ބައްދަލުވުމުގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޭޝަން (އޯ.އައި.ސީ.) ގެ ފަރާތުން ރާއްޖެއިން ދިން ބަޔާނުގަ އެވެ.
މި ބާޔާން ދިވެހިރާއްޖޭގެ ފަރާތުން ދެއްވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.
އެކަމަނާ ދެއްވި މިބަޔާނުގައި އެމްބެސެޑަރ ޑރ. ސަލްމާ ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ ’ޖެނޮސައިޑް‘ އާ އެއްފަދަ އަމަލުތަކާއި ޣައިރު ޤާނޫނީ ގޮތެއްގައި ފަލަސްތީނުގެ ބިންތައް ހިފަމުންދާ ދިއުމަށް ހިއްވަރުލިބޭހެން އާމްސް ޓްރޭޑް ޓްރީޓީ ތަސްދީޤުކޮށްފައިވާ ގައުމުތަކާއި އެ މުޢާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުން އިސްރާއީލަށް ހަތިޔާރު ވިއްކަމުން ގެންގާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މީގެ އިތުރުން އެކަމަނާ ވަނީ ’ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް‘ އާ އިސްރާއީލުން ހިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދިލައްވާފަ އެވެ. އަދި ދެކުނު އެފްރިކާ އިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހަޅާފައިވާ މައްސަލައިގައި 26 ޖަނަވަރީ 2024 ވަނަ ދުވަހު ޕްރޮވިޜަނަލް މެޝަރސް ހިމެނޭހެން އެ ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތަށް އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑްގެ ގޮތުގައި ބެލެވޭ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
އެއާއެކު، އިރުމަތީ ގުދުސް ހިމެނޭހެން، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޢަމަލުކުރަމުންދާ އިސްރާއީލުގެ ސިޔާސަތުތަކާއި ހަމަތަކުން އުފެދޭ ޤާނޫނީ ނަތީޖާތަކާ ގުޅޭގޮތުންވެސް އެކޯޓުން 19 ޖުލައި 2024 ގައި ނެރުއްވާފައިވާ އިސްތިޝާރީ ލަފާގައިވާ ގޮތުގެ މަތިން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް އިސްރާއީލަށް އޯ.އައި.ސީ. އިން ގޮވާލާފައިވާ ގޮވާލުން ތަކުރާރުކުރައްވާފަ އެވެ.
އެ ބަޔާން ނިންމަވާލައްވަމުން އެމްބެސެޑަރ ޑރ. ސަލްމާ ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި އެގައުމުގެ ރައްޔިތުން އަޅުވެތިކޮށްފައިވާ އަޅުވެތިކުރުން ވަގުތުން ނިމުމަކަށް ގެނައުމަށާއި އިސްރާއީލަށް ހަތިޔާރު ވިއްކުން ވަގުތުން ވަގުތަށް ހުއްޓާލުމަށް އ.ދ. ގެ ހުރިހާ މެމްބަރު ގައުމުތަކަށް ގޮވާލައްވާފަ އެވެ.
ކޮންފަރެންސް އޮފް ދަ ސްޓޭޓް ޕާޓީސް ޓު ދަ އާމްސް ޓްރޭޑް ޓްރީޓީގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވަމުންދާ ދިވެހިރާއްޖޭގެ ވަފުދުފައި އެންމެ އިސްކޮށް ހުންނެވީ އެކުވެރި ދަޢުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.
އެ ކަމަނާގެ އިތުރުން މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ބްރިގޭޑިއަރ ޖެނެރަލް ހުސައިން އިބްރާހިމް، އަދި ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަންގެ ފަރާތުން ކައުންސެލަރ އާދަމް ހާމިދް އާއި، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމް އަދި ސެކަންޑް ސެކްރެޓަރީ މަރްޔަމް ފާތިކާ ފަޔާޒްގެ އާއި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު އެވެ.