ފަލަސްތީނުގެ ގައްޒާއަށް އެހީތެރިވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދިޔަ ޓެލެތޯންގެ ތެރެއިން ހޯދި ފައިސާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) ގެ އެކައުންޓަށް ޖަމާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޖުމްލަ 1.2 މިލިއަން ޑޮލަރުގެ ފައިސާ، ސީދާ ޔޫއެންއާރުޑަބްލިއުއޭ އަށް ޖަމާކޮށްފައި ވެއެވެ.ީ މި ފައިސާ ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑަައިގަތުމުގެ މަތިން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ. މެއި މަހުގެ 12 ވަނަ ދުވަހު ބޭއްވި މި ޓެލެތޯނަށް އާންމު ރައްޔިތުންނާއި ސަރުކާރުގެ އިސްވެރިންނާއި ސްޓޭޓް މިނިސްޓަރުންނާއި ކުންފުނިތަކުން ބޮޑު އެއްބާރުލުމެއް ލިބިފައި ވެއެވެ.
މި ޓެލެތޯން ބާއްވާފައިވަނީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އެހެން މީޑިއާތައް ގުޅިގެން ނެވެ.
ރާއްޖެ އިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އެމީހުންގެ ހައްގުތަކާއި، މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ވަކާލާތުކޮށްފަ އެވެ. މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ސަރުކާރުން ވަނީ ޔޫއެންއާރުޑަބްލިއުއޭ މެދުވެރިކޮށް ފަލަސްތީނަށް އަހަރަކު ދެމުންގެންދިޔަ އެހީ އިތުރުކޮށްފަ އެވެ. އެގޮތުން، މީގެ ކުރިން ދެމުންގެންދިޔަ އެހީ، 5،000 ޑޮލަރުން 50،000 ޑޮލަރަށް އިތުރު ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.