ކުރީގެ ރައީސް އަބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮވިޑް ދުވަސްވަރު އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ވެރިޔަކަށް ހުންނެވި ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްސަލަތަކެއް ފުލުހަށާއި މީރާއަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޑރ. އަލީ އަބްދުﷲ ލަތީފުގެ އާރްއެމްއެލްއެސް ލެބް ސާވިސަސްއިން މަނީ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޑރ. އަލީ އަބްދުﷲ ލަތީފު ޓެކުހަށް މަކަރު ހަދާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފޮނުވާފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ކޮވިޑް ދުވަސްވަރު ޕީސީއާރް ޓެސްޓު ހެދުމުގެ ހިދުމަތް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ މައްސަލައެއްގައި ޑރ. އަލީ އަބްދުﷲ ލަތީފު ހިމެނޭހެން އައިޖީއެމްއެޗްގެ ކުރީގެ ތިން ވެރިޔެއްގެ މައްޗަށް އޭސީސީން ވަނީ ކޮރަޕްޝަންގެ ދައުވާ އުފުލުމަށް ޕީޖީއަށް ފޮނުވާފަ އެވެ. މި މައްސަލައިގައި ދެން ހިމެނެނީ އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް) ގެ އިތުރުން އައިޖީއެމްއެޗްގެ ލެބޯޓްރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިން އެވެ.
އޭސީސީން ވަނީ މިފަދަ ބޮޑެތި ތުހުމަތުތަކެއް ޑރ. އަލީ އަބްދުﷲ ލަތީފަށާއި ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށް ކުރެވޭތީ މި މައްސަލަތައް މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އެ ދެމީހުންނާ މެދު ފިޔަވަޅެއް އަޅަން ޖެހޭނަމަ އެ ފިޔަވަޅެއް އެޅުމަށްފަހު އޭސީސީއަށް އެކަން ހިއްސާ ކުރުމަށް މެޑިކަލް ކައުންސިލަށް އަންގާފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މީރާ ދިވެހި ފުލުހުންގެ ޚިދުމަތް