ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީ ވުމަށް ބްރާސްފަތި ދުވަހު ކޮމިޓީއަށް ހާޒިރުވާނެމަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ.
ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވީ ގަވައިދުގައި ބުނާ ނޯޓިސް ބުދަ ދުވަހު ހަމަވާނެ ކަމަށެވެ. އަދި ބްރާސްފަތި ދުވަހު ޕީޖީ ހާޒިރު ކުރުމަށް ޝެޑިއުލް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކޮމިޓީ ބައްދަލުވުމަށް ވަޑަގަންނަވާނެ ކަމަށް މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފާޒާދް ވިދާޅުވީ ޕީޖީއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ކަމަށެވެ. އަދި ޕީޖީ ކޮމިޓީއަށް ހާޒިރުވުމުގެ ކުރިން، ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ކަންކަމުގައި ހިމެނޭ ތަފްސީލީ ލިޔެކިޔުން ޕީޖީ އޮފީހުން ސާފުކޮށް ލިޔެކިޔުން ކޮމިޓީއަށް ހޯދުމަށް ހުށަހެޅި އެވެ. މި ހުށަހެޅުން ކޮޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީ މެންބަރުން ފާޅު ކުރެއްވި ޚިޔާލުތަކަށް ބެއްލެވުމަށްފަހު ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ވިދާޅުވީ މި ލިޔެކިޔުން ޕީޖީ ކޮމިޓީއަށް ހާޒިރު ވުމުގެ ކުރިން ކޮމިޓީއަށް ހިއްސާ ކުރެއްވުމަށް އެދޭނެ ކަމަށެވެ.
ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރޭޕްގެ ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާތައް ފައިލް ކުރުން، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމަށް އެމްޑީޕީން ނިންމުމުން ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން، ސަފާރީ ރޭޕް ކޭސްގެ މައްސަލައިގައި ދަށުކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެނައުން، ބަނގުރަލުގެ މައްސަލަތަކުގައި ދައުވާ ނުކޮށް ދޫކޮށްލުމުގެ މައްސަލައާއި ޕީޖީ ޝަމީމް ބަނގުރާ ފުޅިއެއް އިންސްޓަގްރާމްގައި ޕޯސްޓްކުރި މައްސަލަ، ޕީޖީ އޮފީހުގެ މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅޭ މައްސަލައާއި އަލަމްގީރު މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ފައިލް ކުރުން ފާހަގަ ކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) ޖުޑީޝަރީ ކޮމެޓީ