ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީއެއް ބޮޑުކުރުމުގެ ވިސްނުން ނެތް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި ’އެކްސްޕެޓް ސިސްޓަމް‘ ބޭނުންކުރާ އެހެނިހެން ފަރާތްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުން ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފީއެއް ބޮޑުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.
ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް ސަރުކާރުން އެންގުމުން ބައެއް ފަރާތްތަކަށް ދަތިތައް ހުރިކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ވުޒާރާއިން ޢާންމުކޮށްފައިވާ ލިސްޓުގައި ބައެއް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު މިލިޔަނުން މައްޗަށް އަރާކަން ފާހަގަކުރައްވާފަ އެވެ. އަދި މިނިސްޓަރ ވަނީ ބައެއް ކުންފުނިތަކުން ބޮޑެތި ޢަދަދުތަކުން ފީ ދައްކަން ޖެހޭކަން ފާހަގަކުރައްވާ އެފަދަ ފަރާތްތަކުން އެއްބަސްވާނަމަ 12 މަސް ދުވަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން ޢަމަލުކުރުމަކީ ގަވައިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ދެކިވަޑައިގަންނަވަ އެވެ.
”ކޯޓާ ފީ، ވަރކް ވިޒާ ފީ ހިމެނޭހެން މިހާރު މިނެގޭ ފީތައް އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް“
މިނިސްޓަރ ވިދާޅުވީ ބިދޭސީންނާ ގުޅޭ ބައެއް ފީތައް، މަހުން މަހަށް ދެއްކުމުގެ ބަދަލުގައި ގިނަ މަސްތަކަށްވާ ފީ އެއްކޮށްލައިގެން ބަލްކްކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް އެކްސްޕެޓް ސިސްޓަމުން ބަލްކްކޮށް ފީ މިހާރު ދެއްކޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ