ސްކޭމްގެ ފައިސާ އަނބުރާ ހޯދޭނެ ގޮތްތައް ހެދުމަކީ މަޖިލީހުން ކުރަންޖެހޭނެ ކަމެއް ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސްކޭމް މައްސަލަތަކާ ގުޅޭ ފައިސާ ހިފެހެއްޓޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ މި އިސްލާހަށް އާންމު އުސޫލަކުން ތާއީދު ކުރާ ކަމަށާއި އެހެންނަމަވެސް މިހާރު އިސްލާހު އޮތީ އޭގެ ނާޖައިޒު ފައިދާ ބަޔަކަށް ނެގޭނެ ފަދަ ގޮތަކަށް ކަމަށެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އާންމުވެފައިވާކަން ފާހަގަކޮށް ރިފާއު ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި ހިމެނޭ ފައިސާ އަނބުރާ ހޯދޭނެ ގޮތްތައް ހެދުމަކީ އަދި ކަމާބެހޭ މުއައްސަސާތަކަށް އެ ފުރުސަތު ހޯދައިދިނުމަކީ މަޖިލީހުން ކޮށްދޭންޖެހޭނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް މި އިސްލާހު އަދި އޮތްގޮތުން ކަމާނުބެހޭ ބަޔަކަށްވެސް ބޮޑު އަނިޔާއެއް ލިބުމުގެ ފުރުސަތު އޮތްކަން ރިފާއު ފާހަގަ ކުރެއްވިއެވެ.
ރިފާއު ވިދާޅުވީ ފައިސާ ހުރި އެކައުންޓެއް އެއްކޮށް ހިފެހެއްޓުމުގެ ބަދަލުގައި އެ ފައިސާގެ އަދަދު ހިފެެހެއްޓޭނެ ގޮތަކަށް އޮތުން މުހިންމު ކަމަށެވެ. އަދި މިހާރު އޮތްގޮތަށް މި އިސްލާހު އޮވެއްޖެނަމަ ބަޔަކަށް ލަނޑެއް ދިނުމުގެ މަގުސަދުގައިވެސް މިފަދަ ކަމެއް ކުރެވިދާނެ ކަމަށާއި މިއިސްލާހު އަދި އޮތީ ނާޖައިޒު ފައިދާ ނެގޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ސްކޭމަކުން އެކައުންޓްގެ ވެރިފަރާތަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާކަމަށް ފާހަގަވާނަމަ، އެ އެކައުންޓްގައިވާ ފައިސާ އަދި ކުށްކުރުމަށް ޓްރާންސްފާ ކުރެވުނު އެކައުންޓްގައިހުރި ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ. އަދި އެ އަމުރަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ކޯޓުން ހޭދަވާ މުއްދަތުގައި، އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް އަދި ފައިސާގެ މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ފުލުހުންގެ ހިދުމަތުން ނެރެވިދާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ. އެފަދަ އަމުރެއް ނެރެންވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ އޮފިސަރެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.