ނޫމަޑި މައްސަލައިގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ގޮސްފައި ނުވާނެކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު ޝުޖާއު މިހެން ވިދާޅުވީ އިދިކޮޅު ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ހުސެއިން ވަހީދު ވަނީ ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒު ހުންނެވީ ވަރަށް ބޮޑަށް ކޮމްޕްރޮމައިޒްވެފައި ކަމަށާއި އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަވެސް ރައީސް މުއިއްޒު އޭރު ގުޅުއްވީ އޭނާއަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒާ ބައްދަލު ކުރެއްވުމަށް މިހާރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއެކު ރައީސް މުއިއްޒުގެ އަރިހަށް ދިޔަކަމަށްވެސް ވިދާޅުވި އެވެ.
ކޮމިޝަނަރު ޝުޖާއު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އެ ވާހަކަތަކަކީ ހަގީގަތާ ހިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން ނޫމަޑި މައްސަލައާ ގުޅިގެން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދުއާއެކު އެއްވެސް ފަރާތަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ވާހަކަ ކަށަވަރުކަމާއެކު ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.