ކުދި އަދި މެދު ފަންތީގެ ވިޔާފިތަކަށް ހާއްސަކޮށް، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ކޯޕަރޭޝަނުން ހިންގާ އެސްއެމްއީ ހަބްއިންވެސް ގަވައިދާ ހިލާފަށް ވިޔަފާރިކުމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެސްއެމްއީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައުލޫމާތު ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު ކަމަށެވެ. އެއާއެކު، އެތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 03 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ މުއައްސަސާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވެ އެވެ.
އެސްއެމްއީ ހަބްއަކީ ދައުލަތުގެ އެސްއޯއީއެއް ކަމުގައިވާ ބިޒްނެސް ސެންޓާ ކޯޕަރޭޝަންގެ ދަށުން ހިންގާ ތަނެކެވެ. އެ ތަނަކީ ދިވެހި ވިޔަފާރިވެރިންނަށް ހާއްސަކޮށް، ހިންގާ ތަނެކެވެ. އެގޮތުން އެ ތަން ހާއްސަކޮށްފައިވަނީ ގޭގައި މަސައްކަތްކޮށް، އާމްދަނީ ހޯދަމުންދާ ކުދި ވިޔަފާރިވެރިންނަށެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވައިދާއި ހިލާފަށް ވިޔަފާރިކުރަމުން އަންނަ ގިނަ އަދަދެއް ބިދޭސީންނެއް އަތުލައިގަންނަމުންނެވެ. އަދި މިހާރު އިމިގްރޭޝަނުން ހިންގަމުން އަންނަ ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހިންގާ ގިނަ ވިޔަފާރިތަކެއް އެ މީހުން އަމިއްލައަށްވެސް އަންނަނީ ބަންދުކުރަމުންނެވެ.