މަސްތުވާތަކެތީގެ ވިޔަފާރިކުރާ 2 މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ.
ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ގއ. މާމެެންދޫ/ މޫނިމާގެ، ނަޒީހު ޝަރީފް (27އ)، އަދި ފުވައްމުލައް/ ދަޑިމަގު، ވައިގެ، މުހުސިން މުހައްމަދު (30އ) ހައްޔަރުކޮށްފަ އެވެ. މާލެ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި ދެމީހުންނާއިމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނުގައި 69 ގްރާމް ހުރި ކަމަށް އެ މުއައްސަސާއިން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރުމުގެ ތުހުމަތުގައި ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ.