ދިވެހިންގެ ތެރޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ ކެއްސާތީ ބޯ ބޭހެއް ކަމުގައިވާ 100 އެމްއެލްގެ ”ކޮފްސީ“ ސިރަޕްއިން ކުނޑިކޮޅުތަކެއް ހުރެގެން، އެ ބޭސް ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ކަންކަން އިތުރަށް ބެލުމުގެ މަސައްކަތް ކުރާކަމަށް ބުނެފަ އެވެ. އަދި ދިމާވެފައިވާ މައްސަލަ އިތުރަށް ބަލަންދެން މި ބޭސް ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވެ އެވެ.
ރާއްޖެ އެތެރެކުރާ ބޭސްތަކުން މިފަދަ މައްސަލަތައް ފާހަގަވާނަމަ އެ ބޭހެއް ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އަބަދު ވެސް އިލްތިމާސްކުރެ އެވެ. އެގޮތުން މީގެކުރިންވެސް ވަނީ ގިނަ ބޭސްތަކެއް ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އިއުލާން ނެރިފަ އެވެ.