ސްކޭމް މައްސަލަތަކުގައި އެކައުންޓުގައި ހުންނަ ފައިސާ ހިފަހައްޓަން ފުލުހުންނަށް އަމުރު ނެރެވޭ އިސްލާހެއް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހަޅުއްވާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ. މިއަދުގެ ޖަލްސާގައި ވަނީ މި ބިލު މަޖިލީހަށް ތައާރަފްކޮށްފަ އެވެ.
މި އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނީ ސްކޭމް މައްސަލަތައް ހުއްޓުވުމަށް ފުލުހުންގެ ފަރާތުން އެފަދަ ގާނޫނީ ހައްލަކަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީގައި އެދުމާ ގުޅިގެންނެވެ.
ޖިނާއީ އިޖުރާޢަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ)އަށް ހުށަހެޅި މި އިސްލާހުގައި މަކަރާއި ހީލަތުން ނުވަތަ ސްކޭމަކުން އެކައުންޓުގެ ވެރިފަރާތަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތަކުގައި އެކައުންޓެއްގެ ވެރިފަރާތް ނުވަތަ ތިން ވަނަ ފަރާތެއްގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން ފުލުހުންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިނުމަށް ހިމަނާފައިވެއެވެ. އެގޮތުން ސްކޭމް މައްސަލައެއްގައި އެކައުންޓެއްގައި ހުރި ފައިސާ ނުވަތަ ޓްރާންސްފާ ކޮށްފައިވާ އެހެން އެކައުންޓަކުން ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމުގެ އަމުރެއް ފުލުހުންނަށް ނެރެވިދާނެ ކަމަށާއި އެފަދަ އަމުރެއް ފުލުހުންގެ ފަރާތުން ނެރެވޭނީ، ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ އޮފިސަރަކަށް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
މީގެ އިތުރުން މި އަމުރު ނެރެފައިވާކަން ލަސްނުކޮށް އެ އެކައުންޓެއް ހުޅުވާފައިވާ ބޭންކަކަށް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގަން ވާނެކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.
މި އިސްލާހަށް އަމަލު ކުރަން ފަށާނީ ބިލު ގާނޫނަކަށްވެ، ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރާ ދުވަހުން ފެށިގެންނެވެ.