އާބަން ޑިވެލޮޕްމަންޓްގެ ބިލަކީ ރާއްޖޭގެ ތަރައްގީއަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓްގެ ބިލުގެ ބަހުސް މިއަދު ވަނީ ފަށައިފި އެވެ. މި ބިލުގެ ބަހުސް ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހަޅާފައިވަނީ ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް އެވެ.
މި ބިލު ހުށަހަޅަމުން މެންބަރު އާޒިމް ވިދާޅުވީ މިއީ ގައުމެއް ތަރައްގީވަމުން އަންނައިރު ކޮންމެހެންވެސް ހެދިފައި އޮންނަންޖެހޭނެ ޤާނޫނެއް ކަމަށެވެ. އެހެންނަމަވެސް ނިމުނު އެއްވެސް ސަރުކާރަކުން މިފަދަ ޤާނޫނެއް ވުޖޫދުކޮށްފައި ނެތުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިސަރުކާރުން ރާއްޖެ ތަރައްގީ ކުރުމުގައި ވިލަރެސް ކުރުމުގެ ގޮތުން އެކުލަވާލާފައިވާ މި ބިލަކީ ރާއްޖޭގެ ތަރައްގީއަށް ރައްޔިތުންދެކޭ ތަސައްވުރު ފުރިހަމަ ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދު ތަރައްގީ ކުރުމުގެ ތެރެއިން ހުޅުމާލެ ތަރައްގީ ކުރަން ފެށުނީ ރަނގަޅު މާސްޓަޕްލޭނެއްގެ ދަށުންކަން ފާހަގަކޮށް މެންބަރު އާޒިމް ވިދާޅުވީ ނިމުނު އެމްޑީޕީ ސަރުކާރުގެ ނޭއްގާނީކަމުން ޕާޓީގެ ކުދިންނަށް ހިލޭ ގޯތިބަހާލީ ”މަގުމެދުންނާއ،ި ގޭގޭގެ ގިފިލި ތެރެއިންނާއި، ނަރުދަމާ ޖަންކުޝަންތަކުގެ މަތިން އަތުޖެހުނު ތަނަކުން“ ކަމަށެވެ.
”ރޭވުންތެރިކަމެއް ނެތި، ހިންގުމުގެ އޮނިގަނޑެއްނެތި ފެށޭ ޕްރޮޖެކްޓްތަކުން ރާއްޖެއަށް ލިބޭ ގެއްލުން ވަޒަންކުރަން ދަތި.“ މެންބަރު އާޒިމް ވިދާޅުވިއެވެ.
މި ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދު ތަރައްގީކުރުމާގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި އާބަން ސަރަހައްދުތަކިގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓާކޮށް ފިޔަވަޅުއެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީޙުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ސިޔާސަތު ކަނޑައަޅާ އާންމު ކުރަންވާނެ ކަމަށާއި، އަދި ސިޔާސަތު ތަންފީޒުކުރެތޯ ބެލުމުގެ ޒިންމާ އަދާކުރާނީ މިނިސްޓަރު ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން އާބަން ސަރަހައްދުތަކުގެ އޭރިޔާ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން ތައްޔާރުކޮށް އެފަދަ ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކަށް ތަރައްގީކުރުމުގެ ހުއްދަތައް ދިނުމާއި އެފަރާތްތަކުން އެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި “އާބަން ޑިވެެލޮޕްްމަންޓް އޮތޯރިޓީ”ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް