”ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު“ އަންނަ އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭގައި ބާއްވަން އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ [ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025] ގެ ނަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެ މަތިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުރަޒުގެ ބައިތަކަށް އިންސާފުކުރާނެ ކަމަށެވެ.
އެ މައުރަޒުގައި އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ވިޔަފާރިތަކާއި، ރަށްތަކާއި ސިޓީތަކުގެ އިތުރުން ތައުލީމު ދޭ މަރުކަޒުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.
މި މައުރަޒުގައި 81 ގިންތިއަކުން ވާދަކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މައުރަޒުގައި ބައިވެރިވުމުގެ މުއްދަތާއި، ބައިވެރިވުމަށް އަމަލު ކުރަން ޖެހޭ ގޮތް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މައުރަޒުގައި ވާދަ ކުުރުމުގެ ބައިގެ އިތުރުން، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓަކާއި، އެންޓެޓެއިންމަންޓް ޑިސްޓްރިކްޓަކާއި އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓެއް މައުރަޒު ތެރޭގައި ހިމެނިގެންދާނެ އެވެ. އަދި އާ އީޖާދުތައް އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ އީޖާދުތައް ކުރާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން، ރިސާޗް ގްރާންޓް ފަންޑުން އެހީތެރިކަން ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ ބައިވެރިންނަށް މައުރަޒުގައި ބައިވެރިވުމަށް ފުރުސަތު ދޭން ނިންމާފައިވާއިރު، އެކި ގައުމުތަކުގެ އީޖާދީ މަސައްކަތްތައް ބައިވެރި ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަަމަށްވެސް ބުނެފައި ވެއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު