ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ތާވަލްކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެެވެ. ނަމަވެސް ހައިކޯޓުން ވަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެ ހުކުމް ބާތިލްކޮށްފަ އެވެ.
އެކަމަކު ކޯޓުން ވަނީ އެ ދެ ހުކުމް ބާތިލްކޮށް އެ މައްސަލައިގެ ޝަރީއަތް އަލުން ބަލަން، ކްރިމިނަލް ކޯޓަށް އަމުރުކޮށްފަ އެވެ.
ހައި ކޯޓުގެ އަމުރާއި އެއްގޮތަށް، އެ މައްސަލައިގެ ޝަރީއަތްތައް ފަށަން ނިންމާފައިވާކަން ކްރިމިނަލް ކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް އަންނަ ބުދަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާކަން އެ ކޯޓުން ހާމަކޮށްފައިވެ އެވެ.
އާރަށުގެ މައްސަލައިގައި ހުކުމް އިއްވުމުން ޔާމީނަށް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ގެއްލިފަ އެވެ. އިންތިހާބު ބޮއިކޮޓް ކުރުމަށް އޭރުގެ އިދިކޮޅު ޕީޕީއެމް-ޕީއެންސީ (ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް-ޕީޕަލްސް ނޭޝަނަލް ކޮންގްރެސް) ކޯލިޝަނުން ފުރަތަމަ އެދުނު ނަމަވެސް، ފަހުން އެ ޕާޓީން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންޑޯސް ކުރެއްވި އެވެ.
ޔާމީން ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެއީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ އެއް ދުވަސް ފަހުން ނެވެ.
އެކަމަކު ނޮވެމްބަރު މަހު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަފްތާއެއް ނުވަނީސް ޔާމީން ވަނީ ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީ ދޫކޮށް އާ ޕާޓީއެއް ކަމަށްވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދެވުމަށް މަސައްކަތްތަކެއް ފައްޓަވާފަ އެވެ.
ރައީސް މުއިއްޒު އާއި ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ އެހެން މެންބަރުން ދުވަހަކުވެސް އޭނާ މިނިވަން ކުރަން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ޔާމީން ތުހުމަތު ކުރައްވާފައި ވެއެވެ. ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފް ޕާޓީއިން ދަނީ އެކި ގޮތްގޮތުން ރައީސް މުއިއްޒަށް ފާޑުކިޔަމުންކަން ފާހަގަކޮށްލަން ޖެހެ އެވެ.