ރާއްޖެއާއި ތައިލޭންޑްގެ ރަހުމަތްތެރިކަން ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ތައިލޭންޑްގެ ބޮޑު ވަޒީރުކަމަށް އުމުރުން 37 އަހަރުގެ ޕައޭތޮންގްތާން ޝިނަވަތްރާ އައްޔަންކުރެއްވުމާއި ގުޅިގެން، އެކަމަނާއަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވީ އެކަމަނާގެ ލީޑާޝިޕްގެ ދަށުން ތައިލޭންޑަށް ކުރިއެރުންތައް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރާއްޖެ އާއި ތައިލެންޑާ ދެމެދު އޮންނަ އެކުވެރިކަމާއި ދެފަރާތުގެ އެއްބާރުލުމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
އުމުރުން 37 އަހަރުގެ ޝިނަވަތްރާއަކީ ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރުކަން ކުރެއްވި ތަކްސިން ޝިނަވަތްރާގެ ދަރިކަނބަލުން ނެވެ.