ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނަރުސް އެ ހޮސްޕިޓަލުން ސަސްޕެންޑްކޮށްފި އެވެ.
އައިޖީއެމްއެޗުން ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެ ހޮސްޕިޓަލުގެ އިސް ނަރުހެއް ސަސްޕެންޑްކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ ނަރުހާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ އައިޖީއެމްއެޗުންނެވެ.
ފުލުހުން އިއްޔެ ބުނީ އައިޖީއެމްއެޗްގެ އަންހެން ނަރުހަކާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއް އެ ހިދުމަތުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މާ ބޮޑު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ. އަދި އެ ނަރުސް މީހާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައިކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.