ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ ”2024 އިންޓަރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް“ ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެ އެވެ.
މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މިމަހުގެ 19 އިން 27 ގެ ނިޔަލަށް ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ މި ސެމިނާ އަކީ އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އާއި ނެޝަނަލް ޕީޕަލްސް ކޮންގްރެސް އޮފް ޗައިނާ ގުޅިގެން ކުރިއަށް ގެންދާ ސެމިނާ އެކެވެ. އެގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ މި ސެމިނާގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
މި ސެމިނާގައި ޗައިނާއިން އައިޕީޔޫއާ ގުޅުނުތާ 40 އަހަރު ފުރުން ފާހަގަ ކުރުންވެސް އޮންނާނެ އެވެ. އަދި ނެޝަނަލް ޕީޕަލްސް ކޮންގްރެސް އޮފް ޗައިނާއިން އިންތިޒާމުކޮށްގެން މި ސެމިނާގެ ބައިވެރިން އެހެން ޕްރޮވިންސްތަކަށް ފީލްޑް ޓްރިޕަކަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.