ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 22 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި 22 ބިދޭސީން ގެނެސްފައިވަނީ އިމިގްރޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ދެ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުރަތަމަ އޮޕަރޭޝަން ހިންގާފައިވަނީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން ”އިމިގްރޭޝަން ވޮޗް“ އަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން އިއްޔެ ހެނދުނު އެވެ. މި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ގ. ހީނާމާގެ ޕާކިން ސަރަހައްދުގަ އެވެ. އިމިގްރޭޝަނުން ބުނީ އެ ސަރަހައްދުންް ބަލާ ފާސް ކުރި ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން މާފަންނު ސަރަހައްދުގައި ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއްގެ މައުލޫމާތު މާލެ ސިޓީ ކައުންސިލުން ހިއްސާ ކުރުމުން އެތަން ބަލާ ފާސްކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން އެތަން ބަލާ ފާސްކޮށް ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
މާލެ ސަރަހައްދުގައި ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތަކާ ދެކޮޅަށް އިމިގްރޭޝަނުން އަންނަނީ ފުލުހުންނާ ގުޅިގެން އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ ތަންތަން ވަނީ ބަލާ ފާސްކޮށްފަ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ދެކޮޅަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 2،069 ބިދޭސީއަކު އިމިގްރޭޝަނުން ވަނީ ފުރުވާލާފަ އެވެ.