ހުޅުމާލޭގެ ސްޕާއެއްގައި މަސައްކަތްކުރަމުންދިޔަ އަންހެނަކަށް ކަޓަރަކުން ހަމަލާދީ ފޭރުމުގައި ބައިވެރިވި ކަމަށް ޝައްކު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ހިދުުމަތުން ވަނީ އުމުރުން 29 އަހަރުގެ އަލީ ޝަމްމާހު ވަހީދު (ގދ. ތިނަދޫ) ހައްޔަރުކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.
ހޮނިހިރު ދުވަހުގެ މެންދުރުފަހު ފުލުހުން ކަށަވަރުކޮށްދިން ގޮތުގައި ޝަމްމާހު މި ހަމަލާ ދީފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސްޕާ އެއްގަ އެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ޝަމްމާހުގެ ހަމަލާގެ ޝިކާރައަކަށް ވެފައިވާ ބިދޭސީ އަންހެން މީހާއަށް އޭނާ ވަނީ ކަޓަރަކުން ބިރުދައްކައި ފައިސާ ފޭރިގަނެފަ އެވެ.
މާލޭގައި ފާއިތުވި މަސްތަކުގައި ފޭރުމާއި މާރާމާރީގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ފުލުހުން ބުނީ މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 2،620 މައްސަލައިގެ އިތުރުން މާރާމާރީ ހިންގުމުގެ 425 މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.