ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންޓް ލިމިޓެޑް (ވެމްކޯ) ގެ ކުނި އަޅާ ސަރަހައްދުގައި މީހަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ވެމްކޯ ސައިޓްގައި އަނިޔާލިބިފައިވާ މީހަކު ހުރި ކަމަށް ބުނެ ރިޕޯޓްކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ވަނީ ފިރިހެނެއްގެ ބޮލަށް ޒަހަމްތަކެއް ލިބި، ލޭ ފައިބާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ދައުރުކޮށްފަ އެވެ. އެ ފޮޓޯ އެކުލަވާފައިވާ ޕޯސްޓުގައި ވަނީ މާލެ ބަސް ޓާމިނަލް ސަރަހައްދުގެ ފަހަތުގައި އޮންނަ ވެމްކޯ ކުނި އަޅާ ސަރަހައްދުގައި ހުސް ގޯނި ހޮވަން އައި މީހަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެފަ އެވެ.
މާރާމާރީ ހިންގައިގެން އެމީހާއަށް އަނިޔާކޮށްފައިވަނީ ވެމްކޯ ޔުނީފޯމްގައި ތިބި ދެ މީހުންނާއި ކުލަ ހެދުމުގައި ހުރި ދެ މީހުން ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.