އައްޑޫގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށްޓަކައި އައްޑޫގައި އިނގިރޭސީން ތިބިއިރު އެމީހުން ހަދާފައިވާ ތަންތަން މަރާމާތު ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ އައްޑޫގައި މިއަދު ކުރިއަށް ގެންދިޔަ ”ޑެސްޓިނޭޝަން އައްޑޫ ސަމިޓް 2024“ ގައި ވާހަކަ ދައްކަވަމުންނެވެ. މި ސަމިޓަކީ އައްޑޫ ސިޓީ ބްރޭންޑެއްގެ ގޮތުގައި ތަރައްގީކޮށް ޕްރޮމޯޓު ކުރުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން އިސް ނަގައިގެން ބޭއްވި ސަމިޓެކެވެ.
މިނިސްޓަރު ވިދާޅުވީ ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އިނގިރޭސީން އައްޑޫގައި ތިބިއިރު ހަދާފައިވާ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެއީ އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކުގައި މީގެ ކުރިން އިނގިރޭސިން މިތާގައި ތިބިއިރު އިނގިރޭސިން އޭރު ހަދާފަ ހުރި ތަންތަން އެބަހުރި. އެ ތަންތަން އަލުން އަޅުގަނޑުމެން ރިނޮވޭޓްކޮށް އިނގިރޭސީންގެ މާކެޓަކަށް އައްޑޫ ހެދުމަށް. އެކަން ކުރެވޭނީ ހެރިޓޭޖް މިނިސްޓްރީގެ ދަށުން ކަމުން އަޅުގަނޑު ވާނީ އެ މިނިސްޓްރީއާއެކު ވެސް ބައްދަލުކޮށްފަ.
ފައިސަލް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތުގައި ބާއްވާ ޓޫރިޒަމް ފެއާގައި އިނގިރޭސީންގެ މާކެޓަކަށް އައްޑޫ ހެދުމަށްޓަކައި އައްޑޫ ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފެއާގައި އައްޑޫ ސިޓީ ކައުންސިލުންވެސް ބައިވެރިވާނެކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އިނގިރޭސި ސިފައިން އައްޑޫއިން ފައިބާފައިވަނީ 1976 ވަނަ އަހަރު އެވެ. އޭގެ ކުރިން އައްޑޫގައި އެމީހުންގެ މަރުކަޒެއްވެސް ގާއިމުކޮށްފައިވެ އެވެ.