ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި ހާއްސަކޮށްގެން އެމްއެމްޕީއާރްސީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމްއެމްޕީއާރްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އެވެ. މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ އެއާލައިންގެ އެމްޑީ އިބްރާހިމް އިޔާސް އެވެ.
މި އެއްބަސްވުމާއެކު ދެ ކުންފުނިން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ބްރޭންޑެޑް އިޝްތިހާރުތަކާއި ޕްރޮމޯޝަނަލް ހަރަކާތްތަކާއި ބައިނަލްއަގުވާމީ ކެމްޕެއިންތައް ހިންގުން ހިމެނެ އެވެ. އަދި ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި ބިޒްނަސް ޓު ކޮންސިއުމާ މާކެޓިންއަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެެވެ.
އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވިދާޅުވީ މި ކޯލަބްރޭޝަންގެ ސަބަބުން ފުޅާ ދާއިރާއެއްގައި ފަތުރުވެރިންނާ ހަމައަށް ވާސިލުވެ، ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ތަފާތުކަން ދައްކުވައިދިނުމުގައި ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
”މި ކޯލަބްރޭޝަންގެ ސަބަބުން އަޅުގަނޑުމެންނަށް ފުޅާ ދާއިރާއެއްގައި ފަތުރުވެރިންނާ ހަމައަށް ވާސިލުވެ، ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ތަފާތުކަން ދައްކުވައިދިނުމުގައި ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެ. ދެފަރާތުން ގުޅިގެން މަސައްކަތްކޮށްގެން، ޒިޔާރަތްކުރާ ފަރާތްތަކަށް ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކެއް އުފައްދައި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަންވެސް ކަށަވަރު.“
މި ޕާޓްނާޝިޕާކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އުންމީދީ މުސްތަގުބަލެއް ރަމްޒުކޮށްދޭކަމެއްކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް މޯލްޑިވިއަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)