އައްޑޫގެ ޓޫރިޒަމަށް ހާއްސަކޮށްގެން ބާއްވާ ”ޑެސްޓިނޭޝަން އައްޑޫ ސަމިޓް“ އައްޑޫގެ ގަމުގައި ފަށައިފި އެވެ.
މި ސަމިޓު ކުރިއަށް ގެންދަނީ އައްޑޫ ގަމުގެ އީކުއޭޓާ ވިލެޖުގެ ބްލޫ ލެގޫންގަ އެވެ. މި ސަމިޓުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފައިވެ އެވެ. ފައިސަލްގެ އިތުރުން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ޑެސްޓިނޭޝަން އައްޑޫ ސަމިޓަކީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ސަމިޓެކެވެ. މި ސަމިޓު ކުރިއަށް ދާނީ މިއަދު ހަވީރާ ހަމައަށެވެ.
މި ސަމިޓުގައި އައްޑޫގެ ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ބައިވެރިވެ އެވެ.
ޑެސްޓިނޭޝަން އައްޑޫ ސަމިޓު ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އެންމެން ގުޅިގެން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ބްރޭންޑެއް ވުޖޫދުކޮށް، އެއާ އެއްގޮތަށް ޓޫރިޒަމް ދާއިރާ ކުރިއަރުވަން މަސައްކަތްތައް ކުރުމެވެ.