ލ. ގަމު ގެއެއްގައި ބޮގަރު ކައްކާ އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ލ. ގަމު ތުނޑި، ވިލާގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމަށާއި ބޮގަރު ކައްކާ އޭގެ ވިޔަފާރި ކުރާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެ ގެ ބަލާ ފާސްކޮށް އެގޭގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ. އޭގެ ބަރުދަނުގައި 24.42 ގްރާމް ހުންނާނެކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ބޮގަރުކަމަށް ޝައްކު ކުރެވޭ 2 ރުނބާ އަދި 5 ލީޓަރުގެ ފުޅިޔަކާއި ބޮގަރު ކައްކަން ބޭނުން ކުރާ ސާމާނު ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 42 އަހަރާއި 57 އަހަރުގެ ދިވެހި 2 ފިރިހެނުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.