ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން އެޕާޓްމަންޓެއް ގަތް މައްސަލައިގައި ކޮރަޕްޝަން އުފެދިދާނެ ކަމަށް ބެލެވޭ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
ޒިފްލީން ފްލެޓެއް ބައްލަވައިގަތީ ހުޅުމާލެ އެފްޑަބްލިޔު ރެސިޑެންޓް އިންނެވެ. އެ ފްލެޓް ބައްލަވައިގަތީ 3.5 މިލިއަން ރުފިޔާ އަށެވެ.
މިއާ ގުޅިގެން ފުލުހުންނަށް ލިބުނީ ކުރީގެ ސްޓޭޓް މިނިސްޓަރު ޝާމިލްވާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަމިއްލަ ފަރާތެއްގެ ޝަކުވާއެކެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަހުގީގު ފުލުހުންގެ އިހްތިސާސަށް ނޫނީ އޭސީސީގެ އިހްތިސާސްގެ ދަށަށް ދާތީ އެ މައްސަލަ އެ ކޮމިޝަނަށް ފޮނުވި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވަނީ އެޕާޓްމަންޓް ގަތުމުގައި ހިނގި މުއާމަލާތްތައް އެ ކޮމިޝަނުން ތަހުގީގުކޮށްފައިވާކަމަށް ބުނެފަ އެވެ.
”ތަހުގީގަށް ފަހު ޕީޖީ އޮފީހުގައި ހުންނަ ޑިއުޓީ ޕްރޮސެކިއުޝަނަށް މައްސަލަ ހުށަހަޅަން ނިންމާފައި މިވަނީ ދައުވާ ކުރާނެތޯ ޕީޖީއިން ނިންމުމަށް،“
އެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީ އިން ހިއްސާކޮށްފައެއް ނުވެ އެވެ.
ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާއިރު ޒިފްލީނާ އެ އެޕާޓްމަންޓް ގަތީ ނާޖާއިޒު ގޮތަކުން ކަމަށް ސޯޝަލް މީޑިއާގައި ކުރަމުންދާ ގިނަ ތުހުމަތުތަކަށް ފަހު ޒިފްލީނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ. ޒިފްލީނާ ހާމަކުރެއްވި ގޮތުގައި ކުރީގެ ވެރިކަމުގެ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުޅުމާލޭ ގައި ހުންނަ އެފްޑަބްލިއު ރެސިޑެންސް އިން ފްލެޓެއް އޭނާ ގަނެފައި ވެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި އެޕާޓްމަންޓުގައި ދިރިއުޅުއްވަމުން އަންނަތާ މިހާރު އެތައް އަހަރެއްވެސް ވެއްޖެ އެވެ.
ޒިފްލީނާއަކީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އަނބިކަނބަލުން ނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)