ހުޅުމާލޭގައި މެދުފަންތީގެ ހޮޓެލެއް ތަރައްގީކުރުމަށް ބޭނުންވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް (އީއޯއައި) ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަޜޭޝަން (އެޗްޑީސީ)އިން ފުރުސަތު ހުޅުވާލުމަށްފަހު، އެ އިއުލާން ބާތިލްކޮށްފި އެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަޝްރޫޢަށް ހުރިހާ ވިޔަފާރި މޮޑެލްތަކެއް ބަލައިގަނެވޭނެ ކަމަށާއި، ޝައުޤުވެރިވާ ޑިވެލޮޕަރުން ވަކި ޚާއްޞަ ގޮތްތަކާއި، ފުޅާކުރެވޭނެ މިންވަރާއި، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ފަދަ އުފެއްދުންތެރި ވިޔަފާރި މޮޑެލްތައް ހުށަހެޅުމަށް ހިތްވަރުދޭ ކަމަށެވެ.
”ހުށަހަޅާ މޮޑެލް އަކީ ކޮންމެ މޮޑެލެއް ކަމުގައިވިޔަސް، ދެފަރާތަށް ލިބޭނެ ފައިދާތައް ސާފުކޮށް ބަޔާންކުރަންވާނެއެވެ،“
މި މަޝްރޫޢަށް އެއް ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުން ލިބިއްޖެނަމަ، އެ ކުންފުނީގެ ”ވިޝަނާއި، ސްޓްރެޓެޖިކް މަޤްޞަދުތަކާއި، މާސްޓަރ ޕްލޭނާ“ އެންމެ ރަނގަޅަށް ގުޅޭ އީއޯއައި އާއިގެން ކުރިއަށްދާނެކަމަށް އެޗްޑީސީއިން އިތުރަށް ބުނެފައިވެ އެވެ. އީއޯއައިތައް ވަޒަންކުރެވޭނީ ހުށަހަޅާ ވިޔަފާރި މޮޑެލްއާއި، އޮޕަރޭޓަރާއި ޑިވެލޮޕަރުގެ ތަޖުރިބާއާއި، ހުށަހަޅާ ޓީމާއި، މާލީ ހާލަތާއި، ޤާބިލުކަމާއި، ސީއެސްއާރު އަދި މަޝްރޫޢުގެ ކޮންސެޕްޓް ޑިޒައިނަށް ބަލައިގެންނެވެ.
އެޗްޑީސީން ކުރި އިއުލާން މިހާރު އެ ކުންފުނިން ވަނީ އެ ކުންފުނީގެ ހުރިހާ ސޯޝަލް މީޑިއާއަކުން ރިމޫވްކޮށްފަ އެވެ. އަދި އެޗްޑީީގެ ވެބްސައިޓް އިން ވެސް މިހާރު ވަނީ އެ އިއުލާން ނަގައިފަ އެވެ. ނަމަވެސް އެ އިއުލާން ނެގި ސަބަބެއް އެ ކުންފުނިން ހާމަކޮށްފަ އެއް ނުވެ އެވެ.