ފެނަކައިގެ ދަށުގައި ހުރި އައިސްޕްލާންޓްތައް އޮޕަރޭޝަނަށް ގެނައުމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދާއި މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް ފެނަކައިގެ ދަށުގައި ހުރި އައިސް ޕްލާންްޓްތައް އޮޕަރޭޓް ކުރުމުގެ މުހިންމުކަން ވަޒީރު ހިއްސާކުރެއްވި އެވެ.
މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވި އެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު ވިދާޅުވީ އައިސް ޕްލާންޓް ހިންގުން ހުއްޓާލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އައިސްޕްލާންޓްތައް އެހެން ފަރާތަކާ ހަވާލުކުރުމުގެ މަރުހަލާ އަވަސް ކުރަން ބޭނުންވާ ކަމަށް މުއާޒް ވިދާޅުވި އެވެ.
މުއާޒް އިތުރަށް ވިދާޅުވީ މިވަގުތު ފެނަކައިގެ މުވައްޒަފުން އައިސްޕްލާންޓްތަކުގައި ތިބި ކަމަށެވެ. އަދި ރަސްމީކޮށް އެހެން އިދާރާއަކަށް އައިސް ޕްލާންޓުތައް ބަދަލުވުމުގެ މަރުހަލާ ނިމެންދެން އައިސް ޕްލާންޓުތައް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އައިސްޕްލާންޓް އިމާރާތްކުރުމާއި ހިންގުމުގެ ހިދުމަތް ފެނަކަ ކޯޕަރޭޝަނުން ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލައިފަ އެވެ. ފެނަކައިން ބުނީ ކުންފުނިން ކުރަންޖެހޭ ކަންތައްތަކުގެ ބޭރުން ކަންކަންކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އައިސްޕްލާންޓް އިމާރާތްކުރުމާއި އައިސްޕްލާންޓް ހިންގުން ހިމެނޭ ކަމަށެވެ. އަދި އައިސްޕްލާންޓްތަކުން ކުންފުންޏަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ފެނަކަ ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު