ސެންޓްރަލް ޖަލުގެ މަސައްކަތުގެ ތެރެއިން މިވަގުތު ކުރިއަށްދަނީ އެތަނަށް ބޭނުންވާ ޓެކްނިކަލް ކުރެހުމުގެ މަސައްކަތްތައް ކަމަށް ދާހިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިނގަމުން އަންނަ ޖަލުތައް އެއްކޮށްލާ، މައި އެއް ޖަލަކުން ހުރިހާ ހިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުމެވެ.
ސަރުކާރުން ވަނީ އުތުރު ތިލަފަޅު މިކަމަށް ހަމަޖައްސާފަ އެވެ.
އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޖަލުގައި 3،000 މީހުންނަށް ހުރުމުގެ ޖާގަ އެބަހުއްޓެވެ. ޖަލުގައި އެހާ ބައިވަރު މީހުން ބަންދުކޮށްގެން ގެންގުޅުމަކީ އުއްމީދުކުރާ ކަމަކަށް ނުވިއަސް ރަނގަޅު ކަރެކްޝަނަލް ފެސިލިޓީއަކާއެކު މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ސެންޓްރަލް ޖަލު ކުރެހުމުގެ މަސައްކަތް ކުރަމުން އަންނައިރު އަލަށް ހަދާ މައި ޖަލުގައި މެންޓަލް ކެއާ ފެސިލިޓީއެއް ހުންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.
މި މަސައްކަތުގެ ޢަމާޒަކީ ޖަލުން ނިކުންނަ ކޮންމެ މީހަކީވެސް އެކަށީގެންވާ ފަރުވާގެ ނިޒާމުގެ ތެރެއިން މުޖުތަމައަށް ނިކުންނަ މީހެއްކަން ކަށަވަރު ކުރުމެވެ.
ޖަލުތައް ހިންގުމުގެ ނިޒާމު މިހާރު އޮތް ގޮތުން އެކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި، އެކަށީގެންވާ ހިދުމަތެއް ދިނުމަށްވެސް ހުރަހަކަށްވާ ކަމަށް މިނިސްޓަރ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މިވަގުތު ޖަލުތަކުގައި ގައިދީއެއްގެ ބޮލަކަށް މަހަކު 21000 އާއި 30000 އާ ދެމެދުގެ އަދަދެއް ހަރަދުވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. މި މައްސަލަތައް ހައްލުކޮށް، ރިހެބިލިޓޭޝަން ހިދުމަތްތަކާއެކު ޖަލުތައް ހިންގޭނެ އެންމެ އެކަށީގެންވާ ގޮތެއްގެ ގޮތުގައި ސަރުކާރުން ދެކެނީ، ސެންޓްރަލް މައި ޖަލެއް ގާއިމުކޮށް ހިދުމަތް ދިނުމަށެވެ.
މިގޮތަށް ޖަލެއް ހެދިނަމަވެސް، އެކި ކަހަލަ ކުށްތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުން ދާނެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުށް މަދު މުޖުތަމައެއް ބިނާކުރުމެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މާފުށި ޖަލު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ


