ޓެލެކޮމިއުނިކޭޝަންސް ކުންފުނި، އުރީދޫ އިން 50،000 ގަސް އިންދަން އެންވާރަމެންޓް މިނިސްޓްރީއާއި ޕްލެޖް ހަވާލުކޮށްފި އެވެ.
އުރީދޫއިން އިއްޔެ ވަނީ ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ޕްލެޖް އެންވާރަމެންޓް މިނިސްޓްރީއާއި ހަވާލުކޮށްފަ އެވެ. އުރީދޫގެ ފަރާތުން މި ޕްލެޖް އެންވާރަމެންޓް މިނިސްޓްރީއާއި ހަވާލުކޮށްފައިވަނީ އެކުންފުނީގެ އުރީދޫ މޯލްޑީވްސްގެ ސީއީއޯ ހާލިދް- އަލް ހަމަދީ އެވެ. އުރީދޫގެ ޕްލެޖްއާއި ހަވާލުވެވަޑައިގަތީ އެންވާރަމެންޓް މިނިސްޓަރު އިބްރާހީމް ތޯރިގެވެ.
5 އަހަރު ތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި މަޝްރޫއުއެކެވެ. މި މަޝްރޫއުއަށް މިހާތަނަށް ވަނީ އެކި ކުންފުނިތަކުގެ ތަރުހީބު ލިބިފަ އެވެ. އޭގެ ތެރޭގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ފަދަ ކުންފުނިތައް ހިމެނެ އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވަނީ ތިމާވެށީގެ ކަންކަމާ ގުޅިގެން ބާއްވާ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ “ކޮޕް28” ގައި ތަގުރީރު ކުރައްވަމުންނެވެ. މި މަޝްރޫއަކީ ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއު ފަށާފައިވަނީ ޖޫން މަހުގެ 5 ވަނަ ދުވަހު ފާހަގަކުރި ތިމާވެށީގެ ދުވަހު އެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓެއްގައި ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަތަރު ބާވަތެއްގެ ގަސް އިންދުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ބުނެ އެވެ. މި މަޝްރޫއުގެ ދަށުން ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތައްވެސް އިންދުމަށް ހަމަޖެހިފައި ވެއެވެ.
ސަރުކާރުގެ 5 އަހަރުގެ ތެރޭގައި 90 އަށް ވުރެ ގިނަ ވައްތަރުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދާނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެ އެވެ.
އުރީދޫ މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް