އިންޝުއަރެންސްގެ ބިލުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންޝުއަރެންސްގެ ބިލަށް ވާހަކަ ދައްކަވަމުން މެންބަރު ސައުދުﷲ ވިދާޅުވީ މިފަދަ ބިލެއް ހުށަހެޅީތީ އުފާކުރާ ކަމަށާއި އަދި މިބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. މިބިލަކީ ވަރަށް ކުރިންވެސް ވުޖޫދުވެފައި އޮންނަންޖެހޭނެ ބިލެއްކަން ފާހަގަކުރައްވާ ސައުދުﷲ ވިދާޅުވީ މިއަދާ ހަމައަށްވެސް މި ބިލު ނައިސް އޮތުމަކީ ދިވެހިންނަށް ލިބުނު ބަދުނަސީބެއް ކަމަށެވެ.
މި ބިލުގައި ޖުމުލަކޮށް ހުރިކަންކަން ރަނގަޅުނަމަވެސް ކޮމިޓީ މަރުހަލާގައި ބައެއް ކަންކަން ބަދަލުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. ސައުދުﷲ ވިދާޅުވީ ރާއްޖޭގައި ގިނަ ވެހިކަލްތައް ހުންނަނީ މަގުމަތީގައި ކަމަށާއި މަގުމަތިން ލިބޭ ގެއްލުންތަކަށްވެސް އިންޝުއަރެންސް ކަވާ ކުރެވޭނެ ގޮތެއް އޮތުން މުހިންމު ކަމަށެވެ.
ސައުދުﷲ ވިދާޅުވީ މިބިލު ކޮމިޓީގައި ކުރިއަށްދާއިރު ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލު މި ބިލަށް ހޯދުން މުހިންމު ކަމަށެވެ.
”އަޅުގަނޑު ދަންނަވާނީ މި ބިލުގެ ސަބަބުން އެންމެ ބޮޑަށް ހިތްހަމަޖެހުމެއް ލިބިގެންދާނީ ވިޔަފާރިވެރިންނަށޭ. ހަމައެއާއެކީގެ އާންމު ރައްޔިތުންނަށްވެސް ލިބޭނެ ހިތްހަމަޖެހުން ވަކި ކުޑައެއް ނޫން.“ ސައުދުﷲ ވިދާޅުވިއެވެ.
އެހެންކަމުން މިބިލު އެންމެ ރަނގަޅަށް ފާސްކުރެވި ބިލުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބުމަކީ އެެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން “އިންޝުއަރެންސްގެ ބިލު” މަޖިލީހަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގްއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަރމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސެންސް ދިނުމާގުޅޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ. އަދި އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތަކާއި އެނޫންވެސް އިންޝުއަރެންސް ވިޔަފާރިއާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގާއިމު ކުރުމެވެ.
ރައްޔިތުންގެ މަޖިލިސް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ



