މާލެ ސަރަހައްދުގައި ބިދޭސީން ގަވައިދާ ހިލާފަށް ހިންގަމުން ގެންދާ ވިޔަފާރިތަކާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަން ފެށިފަހުން ބައެއް ބިދޭސީން ވަކި ގަޑިތަކެއްގައި ތަންތަން ހުޅުވައިގެން ވިޔަފާރި ކުރަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ ބިދޭސީން ހިންގާ ޓޭކްއަވޭ ކޮފީ ޝޮފްތަކާއި ފިހާރަތައް ރެއިޑް ކުރާތީ، އެފަދަ ތަންތަން ވަކި ގަޑިތަކެއްގައި ހުޅުވައި ނުވަތަ ވަކި ގޮތަކަށް އެކަނި ތަނުގެ ތެރެއަށް ވަދެވޭ ގޮތަށް ބަދަލު ގެނެސް ހިދުމަތް ދެމުން ގެންދާ ކަމަށެވެ.
އަޅުގަނޑުމެން މި އޮޕަރޭޝަންތައް ގެންދަން ފެށީމަ އަމިއްލައަށް ގިނަ ތަންތަން ބަންދުކޮށްފަ ހުރިކަން ފާހަގަކުރެވޭ. މީގެ ކުރިން ހުރިހާ ގަޑިއެއްގައިވެސް ހުޅުވަމުން ދިޔަ ތަންތަން ދުވާލުގެ ވަކި ގަޑިއެއްގައި ހުޅުވައިގެން އުޅޭކަން ވެސް ފާހަގަވެފަ އެބަހުރި. އަދި އެއްކޮށް ބަންދުކޮށްލައިގެން، ކުޑަދޮރު ހުޅުވައިގެން ވިޔަފާރި ކުރާ ތަންތަން ވެސް ފާހަގަވެފައި އެބަހުރި. އަޅުގަނޑުމެން މި ތަންތަން އިތުރަށް ބަލަމުން މި ގެންދަނީ، ބަލާފަ މި ތަންތަނަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން.
ޝަމްއާން ވިދާޅުވީ ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ކުރިއަށް ގެންދާ މި ރެއިޑް އޮޕްރޭޝަންތައް ފެށިފަހުން ބައެއް ބިދޭސީން އަމިއްލައަށް ވިޔަފާރިތައް ހުއްޓާލާފައިވާ ކަމަށެވެ.
މިފަދަ އޮޕަރޭޝަންތައް ހިންގަމުން ދަނީ ފުލުހުންނާއި، އިމިގްރޭޝަނަށް ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިންޓެލިޖެންސް ރިޕޯޓެއް ތައްޔާރު ކުރުމަށްފަހު ކަމަށް ޝަމްއާން ވިދާޅުވި އެވެ. އަދި ބިދޭސީން އުޅޭތަނެއް ބަލައި ފާސް ކުރަނީ ދުރާލައި އެކަމަށް ތައްޔާރުވެގެން ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައިވެސް މި އޮޕަރޭޝަންތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ޝަމްއާން ވަނީ ދެއްވާފަ އެވެ.


