ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެއްވެސް ބިދޭސީއަކު ޑީޕޯޓުކޮށްފައި ނުވާކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
ޝަމްއާން މިހެން ވިދާޅުވީ ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޝަމްއާން ވިދާޅުވީ މިދިޔަ ސަރުކާރުން ބިދޭސީން ޑީޕޯޓު ކުރަން ނިންމި ނަމަވެސް އެއްވެސް ބިދޭސީއަކު ޑީޕޯޓުކޮށްފައި ނުވާ ކަމަށެވެ. ގަވައިދާ ހިލާފުވާ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ކުރީ ސަރުކާރުން ދިން ނަމަވެސް ބިދޭސީންނާ ދެކޮޅަށް ކުރި މަސައްކަތްތަކުން މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަން ޝަމްއާން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ މިހާ ބޮޑުވެފައި މިވަނީ މިދިޔަ ސަރުކާރުގެ ތަމްފީޒު ކުރުމުގެ ބައި ދަށްވުމުން ކަމަށް ޝަމްއާން ވިދާޅުވި އެވެ.
އެއީ ހަމަ ގަވާއިދާއި ހިލާފަށް އުޅޭ މީހުން، ބަރާބަރަށް ގަވާއިދާ ހިލާފަށް އެ އުޅެނީ. އެ ފަރާތްތައް ގަވާއިދުގެ ތެރެއަށް ވަންނާކަށް ވެސް މަސައްކަތެއް ނުކުރޭ. އެހެންވީމާ އެންފޯސް ނުކުރުމުގެ މައްސަލަ އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި މި ދިމާވީ މިދިޔަ ސަރުކާރުގައި.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ދެކޮޅަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 2،069 ބިދޭސީއަކު އިމިގްރޭޝަނުން ވަނީ ފުރުވާލާފަ އެވެ.



