ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.
މި މާރާމާރީ ހިންގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 20:00 ހާއިރު އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފަކު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށް އެ ރޭ ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި ދެވަނަ މީހާއަށް ހަނިމާދޫ ހެލްތް ސެންޓަރުގައި ފަރުވާދެމުންދާކަމަށްވެސް ބުނެފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އަދި މާރާމާރީގައި އަނިޔާވެގެން ފަރުވަދެމުން ދަނީ 39 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މާރާމާރީ ދިވެހި ފުލުހުންގެ ޚިދުމަތް



