އިނގިރޭސިވިލާތުގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ މުޒާހަރާތަކަށް ސަމާލުވުމަށް އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް އިލްތިމާސްކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި 3 ކުޑަ ކުދިން ނިޔާވުމާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ ސަމާލުކަމާއެކު ވަރަށް ގާތުން ބަލަމުން ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ހާލަތާ ގުޅިގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން، އަދި ވަކިން ހާއްސަކޮށް ސައުތުޕޯޓް އަދި އެތަނުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އިތުރު ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.
”މި މިނިސްޓްރީގެ އެދުމަކީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުން.“
މީގެ އިތުރުން، އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅުމަށް ފޮރިން މިނިސްޓްރީން އެދިފައިވެ އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މަޢުލޫމާތުތައް؛
- ފޯން: 02072242135 (44)
- އީމެއިލް:info@maldiveshighcommission.org


