އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފި އެވެ.
ކުޅުދުއްފުށީ ސިޓީއަށް ޕައިލެޓް ބޯޓަކާއި ޓަގް ބޯޓެއް އެމްޕީއެލްއިން ގެނެސްފައިވެ އެވެ. ސަރުކާރުން ދަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ބަންކަރިންގެ ހިދުމަތްތައް ފެށުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ނެވެ.
ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށުމުގެ އަމާޒުގައި މަލްޓިނޭޝަނަލް އެނާޖީ އެންޑް ކޮމޮޑިޓީ ޓްރޭޑިން ކުންފުންޏެއް ކަމަށްވާ ވިޓޯލް ބަންކަރސްއާ އެކު ޓާމް ޝީޓެއްގައި ސޮއިކޮށްފައި ވެއެވެ. ވައިޓޯލް ބަންކަރސް އާއި ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ ދުނިޔޭގެ ބަންކަރސް މެޕްގައި ފާހަގަކޮށްލެވޭ ގޮތަށް ގްލޯބަލް ބަންކަރިންގ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބަލައިގަންނަން މަގުފަހިކުރުވާނެ މަޝްރޫއެކެވެ.
އުތުރު ސަރަހައްދުގައި ބަންކަރިންގ ހިދުމަތް ފެށުމުގައި އެމްޕީއެލްއިން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން ބަނދަރުތަކަށް އަންނަ އަދި ބަނދަރުކުރާ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަގް ބޯޓަކާއި ޕައިލެޓް ބޯޓެއް ފޯރުކޮށްދީފައިވެ އެވެ. ދޯނިފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް ހޫނު މަރުހަބާއެއް ދެންނެވީ އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު ވަޖީހު އިބްރާހިމާއި އެކުންފުނީގެ މެނޭޖްމަންޓުގެ ބައެއް އޮފިޝަލުން ނެވެ.
މިހާރު ކުރިއަށްދާ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރޭގައި އިދާރީ އޮފީހެއް ތަރައްގީ ކުރުން ހިމެނެ އެވެ. އެމްޕީއެލް އިން ބުނީ އެ އޮފީސް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ މަރުހަލާތަކަށް ބަހައިގެން ކަމަށާއި، އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބަންކަރިންގއަކީ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ މަރުހަލާ އެވެ. ބަންކަރިންގ ހިދުމަތް ފޯރުކޮށްދިނުމަކީ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ނެވެ. ފުރަތަމަ ފިޔަވަހީގައި އޮފް ޕޯޓް ބަންކަރިންގ ހިދުމަތް ދޭއިރު، އެކަމަށް ފިޒިކަލް އިންފްރާސްޓްރަކްޗަރ ބޭނުންވާނެ އެވެ. ފުރަތަމަ ފިޔަވަހީގައި އެ ހިދުމަތްތައް ފޯރުކޮށްދޭނީ އަތޮޅުތަކުގައި ބަނދަރުކުރާ އުޅަނދުތަކަށެވެ. ދެވަނަ ފިޔަވަހީގައި ބަނދަރެއް ތަރައްގީކުރުން ހިމެނެ އެވެ. ސަރުކާރުން ކަށަވަރުކޮށްދިން ގޮތުގައި ބަނދަރު ތަރައްގީ ކުރާނީ އެ ބަނދަރުގައި ބޭނުންވާ އެހެން ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމުގެ ޔަގީންކަން ލިބިގެންދާނެ ގޮތަކަށެވެ.
އިގްތިސާދީ ކުރިއެރުން ފުޅާކުރުމަށް މަސައްކަތްތައް ކުރަމުންދާއިރު، އުތުރުގެ ރަށްރަށަކީ ގައުމުގެ ޖުމްލަ އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދޭ މުހިންމު އިގްތިސާދީ މަރުކަޒަކަށް ހެދުމަށް ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތައް އަޅާފަ އެވެ.



