ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުގުރާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކޮށް ފުރުވާލެވޭނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަނުން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަ ބިދޭސީން ޑީޕޯޓުކުރުމަށް ނިންމާފަ އެވެ. އަސްރަފީ މަގުގައި ހިންގި އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދީފައިވާއިރު، ފުލުހުން ވަނީ އެކަމުގައި ބައިވެރިވި ހަ މީހަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އެކަމާ ގުޅިގެން އެ އިދާރާއިން ރޭ ބުނެފައި ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ވިސާގެ މުއްދަތު ހަމަވުމުންވެސް އަނބުރާ ގައުމަށް ނުގޮސް، ރާއްޖޭގައި މަަސައްކަތްކޮށް ދިރިއުޅެމުންދިޔަ ނޯވޭ ފަތުރުވެރިއެއް ހޯދައި، އިއްޔެ އެ މީހާ ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަަނަ ދުވަހު ރާއްޖެ އެތެރެވި އެ މީހާއާ ގުޅޭ މައުލޫމާތު ލިބިގެން އެ އިދާރާއަށް އޭނާ ހޯދިފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ޝަމްއާން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީންނަށް ދޫކޮށްފައިވާ ވިސާއަށް ހަމައަށް ފައިސާ ދެއްކުމަކީ އަދި އެ މީހާއަކީ ގަވާއިދުން އުޅޭ ފަރާތެއް ކަމުގައި ބަލައި ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ.
ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލަނބާ، ގާނޫނުތަކާއި ގަވާއިދުތައް މުގުރަމުން، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރަމުންދާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް، އެ ފަރާތްތައް ދިވެހިރާއްޖެއިން ފުރުވާލެވޭނެ ވާހަކަ ދަންނަވަން،
ޝަމްއާން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ގާނޫނީ ތަންފީޒީ އިދާރާތަކުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމުގަ އެވެ. އިމިގްރޭޝަނުގެ ކޮންޓްރޯލާ ވަނީ އެ މަސައްކަތުގައި އާންމު ފަރާތްތަކުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދިވެހި ފުލުހުންގެ ޚިދުމަތް



