ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރޭ، މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އަސްކަރީ ހަރަކާތުގައި ހިމެނޭ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައްލަވާލައްވައިފި އެވެ.
އަސްކަރީ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ނުކުމެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުން، އަމީރު އަހްމަދު މަގަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަރަހައްދަށް ނުކުމެވަޑައިގެންނެވުމުން، އެދެކަނބަލުންނާ އިސްތިގުބާލު ކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫނާއި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމެވެ.
އަސްކަރީ ޕެރޭޑާއި ރޫޓްމާޗް ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންނާ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެރިވި އެވެ.


