އަންހެނުން ބާރުވެރިކުރުމަށް ތަޢާރަފުކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަށް ހުރިހާ އަތޮޅަކުން އަންހެނުން ކުރިމަތިލައި، ޖުމްލަ 216 އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމުގައި އިޖުތިމާއީ އަދި އާއިލީ ދާއިރާއިން ސަރުކާރުގެ ސިޔާސަތު ހިއްސާކުރެއްވުމުގެ ގޮތުން ދެއްވެވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.
،ލޯނުގެ 25 އިންސައްތަ ހާއްސަ ކުރެވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް ވަޒީރު ޝިހާމް ވިދާޅުވި އެވެ.
އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުއުކަމަށްވާއިރު، މިއީ އަންހެނުންނަކީ ފުދުންތެރި، އަމިއްލަ މަސައްކަތުން އުޅޭ ބަޔަކަށް ހެދުމަށް މަގުފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
ދިވެހި އަންހެނުންނަކީ ޒަމާނުއްސުރެވެސް މަސައްކަތުގައި އުޅުނު ބައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އާމްދަނީ ލިބޭ މަސައްކަތެއްކޮށް، ގޭތެރޭގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވުމަކީ ދިވެހި އަންހެނުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ޒަމާން ބަދަލުވެ، މިހާރު ގޭތެރެ ތިބެގެން ކުރާ ތަފާތު މަސައްކަތްތައްވެސް ދިވެހި އަންހެނުން ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ކަން މިހެން އޮތުމާއެކު، ގިނަ އަންހެނުންގެ ކަންބޮޑުވުމަކަމަށްވެފައި އޮތީ ލޯނު ނަގާއިރު ބޭންކުގައި ކޮލަޓެރެލް އެއް ބަހައްޓަން ޖެހުމެވެ. މިހެންކަމުން އެސް.ޑީ.އެފް.ސީ އިން ދޫކުރާ މި 100 މިލިއަން ރުފިޔާ ލޯން ސްކީމު ފަރުމާކުރެވިފައިވަނީ އެއްވެސް ކޮލަޓަރަލްއަކާއި ނުލާ، ފަސޭހަކަމާއެކު ލޯނު ލިބޭނެގޮތައް ކަމަށް ވަޒީރު ވިދާޅުވި އެވެ.
މި މަސައްކަތުގައިވެސް އިންކްލޫސިވް ސޮސައިޓީއެއް ބިނާކުރުމަށް ބާރު އެޅުމުގެ ނިޔަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ލޯނު ސްކީމުގެ 25 އިންސައްތަ ކަނޑައަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލޯން ލިބޭ ހިސާބުން ފައިސާ ގެންގުޅޭނެ ގޮތް ކިޔައިދީ، ގާތުން ބައްލަވާނެ ކަމަށް އެސް.ޑީ.އެފް.ސީ އިން ބުނެފައިވާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.


