ފެނަކައިން ގެތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ފެނަކައިން މިހެން ބުނެފައިވަނީ އިއްޔެ ހެނދުނު އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއްާޒް މުހައްމަދު ރަޝީދު ވަނީ ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބޭކަން ފާހަގަކުރައްވާފަ އެވެ. އޭނާ އިތުރަށް ވިދާޅުވީ އެކަށީގެންވާ އަދަދަށްވުރެ ބޮޑު ބިލްތަކާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ފެނާކައިން ތަހުގީގު ކުރާނެ ކަމަށެވެ.
މުއާޒު ވަނީ ކަރަންޓް ބިލް ބޮޑުވުމުގެ ފަހަތުގައި ހުރެދާނެ ސަބަބުތައް ދެނެގަނެވިފައިވާކަން ހާމަކުރައްވާފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަކީ އެފަދަ އެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ޑީސަލް ބޭނުންކުރާ މިންވަރު އިތުރުވާކަން އެމްޑީ ފާހަގަކުރެއްވި އެވެ.
“ކަރަންޓު ބިލު ކުއްލިއަކަށް މިހާ ބޮޑުވާން ދިމާވާ އެހެން ސަބަބެއް ވެސް އަޅުގަނޑުމެނަށް ފާހަގަކުރެިވފައި އެބަވޭ. އޭގެތެރޭގައި މި އޮންނަނީ ސަރުކާރުން ހަދާފައި އޮންނަ ބޭންޑުތަކެއް، ވަކި ޓެރިފްތަކެއް، ވަކި ރޭޓްތަކެއް މި ހުންނަނީ. މީގެ 12 ވަރަކަށް 15 ވަރަކަށް އަހަރު ކުރިން ހަދާފައި އޮތް ބޭންޑުތަކެއް މީ. ހަ ބޭންޑެއް ޖުމްލަ މި އޮންނަނީ. ހަވަނަ ބޭންޑުގައި މި އޮންނަނީ 600 ޔުނިޓް. ކޮންމެ ބޭންޑެއްގައި މި އޮންނަނީ ސަތޭކަ ޔުނިޓް. ބޭންޑު މަތިވާ ވަރަކަށް އަދަދު އިތުރަވަމުންދާ ގޮތަށް ރޭޓް އެބަ މަތިވޭ. ހަތަރު ރުފިޔާ ކޮންމެސް ލާރިކޮޅެއް މި އޮންނަނީ ފަހު ބޭންޑުގައިި” އޭނާ ވިދާޅުވި އެވެ.
މުއާޒް ތަފްސީލުކޮށް ވިދާޅުވީ ބައެއް ގޭބިސީތަކުގައި ކަރަންޓް ބޭނުންކުރުން އިތުރުވުމުގެ ސަބަބުން ޔުނިޓްތައް އެންމެ ފަހުގެ ބެންޑްވިޑަށް ފޯލްވެ ކަރަންޓް ބިލް ދެތިން ގުނައަށް އިތުރުވާ ކަމަށެވެ.
މިކަމާ ގުޅިގެން އޭނާ ވިދާޅުވީ ކުރިން ކަރަންޓް ބިލަށް 1،000ެ ރުފިޔާ ނަގާނަމަ ހަ ވަނަ ބެންޑްވިޑަށް ވެއްޓިއްޖެނަމަ ބިލް 2،000 ރުފިޔާ ނުވަތަ 3،000 ރުފިޔާ އަށް ބޮޑުވާނެ ކަމަށެވެ.
މުއާޒް ވިދާޅުވީ މިހާރުން މިހާރަށް ފެނަކައިން ވަނީ އެ މައްސަލަ ހައްލުކުރުމަށް ސްމާޓް މީޓަރުގެ މަޝްރޫއެއް ފަށާފައިވާ ކަމަށެވެ.
މިހާރު ދ. ކުޑަހުވަދޫ އަދި މީމު އަތޮޅުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މުއާޒް މައުލޫމާތު ދެއްވި އެވެ. މުއާޒު ވިދާޅުވީ ކަރަންޓަށް ނަގާ ޗާޖުތައް ދުވާލަކު ބަލާލެވޭތީ މިއީ ހަކަތަ ސަލާމަތް ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
“މި ސްމާޓް މީޓަރުތަކުން މިއަދު އަޅުގަނޑުމެނަށް އެނގިގެންދާނެ އިއްޔެގައި އަޅުގަނޑުމެނަށް ގެތަކުގައި ބޭނުން ކުރެވުނު ކަރަންޓުގެ ޔުނިޓްތައް. އެހެންވީމަ ބޭނުން ކުރެވުނީ ކިހާ މިންވަރަކަށް ކަން. ސީދާ ފޯނު މެދުވެރިކޮށް ބެލިގެންދާނެ.،” އޭނާ ވިދާޅުވި އެވެ.
އިތުރަށް ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ ހަމަ މި މަޝްރޫއު މީގެ ކުރިން ފެށީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ވިސްޑަމްއާ އެކު ހިންގި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުންތައް ހަމަނުޖެހުމުގެ ޝަކުވާތައް އެކުންފުނިން ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކުންފުންޏަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކުރުމަށް ވައުދުވެފައިވާކަން ކަށަވަރުކޮށްދެމުން މިހާރުގެ ނިޔަލަށް ބައެއް ޕޭމަންޓްތައް ދައްކާފައިވާ ކަމަށެވެ.
ކަރަންޓް ބިލް ބޮޑުވުމަކީ އަދިވެސް އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. ކަރަންޓް ބޭނުންކުރުން މަދުވި ނަމަވެސް ބޮޑު ބިލްތައް ދެމިއޮތް ކަމުގެ ޝަކުވާ ގިނަ ބަޔަކު ވަނީ ކޮށްފަ އެވެ.



