ކުރީ ސަރުކާރުގެ ވެރިކަމުގައި 29 ރަށަކަށް ފެނަކައިން ބިލްނުކޮށް ފެނުގެ ހިދުމަތްދޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.
ފެނަަކައިން މިކަން ހާމަކުރީ މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ވަނީ މި ރަށްރަށަށް ފެނަކައިން ބިލް ނުކުރީ ސަބަބުތަކާއި ލައިގެން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ހިދުމަތްތަކުން އާމްދަނީ ނުލިބުމުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި އޭގެ ތެރޭގައި މުވައްޒަފުންގެ މުސާރަ ކަވަރު ނުކުރެވުން ހިމެނޭ ކަމަށެވެ.
މުއާޒު ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީ (ޔޫއާރުއޭ)އާ އެކު ކުރި މަސައްކަތުން ލައިސަންސް ނެތް ރަށްރަށަށް ބިލް ނުކުރާކަން ހާމަވެފައިވާ ކަމަށެވެ. މި ރަށްރަށަކީ ވަކި ލިޔެކިޔުންތަކެއް ފުރިހަމަ ނުވުމުގެ ތެރޭގައި ލައިސަންސް ނުލިބިފައިވާ ރަށްރަށެވެ. މުއާޒު ފާހަގަކުރެއްވި ގޮތުގައި ކޮންޓްރެކްޓަރުންގެ އަތުން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުން، ހާއްސަކޮށް އަމިއްލަ ކުންފުނިތަކުން އިންސްޓޯލްކުރާ އާރް.އޯ ޕްލާންޓްތަކަށް ފެނަކައަށް މި ހިދުމަތްތަކަށް ބިލް ނުކުރެވޭނެ އެވެ.
”މި ހުރިހާ ހަރަދެއް ކުރަން ޖެހުނީ ފެނަކާއިން. އެކަމަށް ބަދަލު ނުލިބުނު ނަމަވެސް ފެނުގެ ހިދުމަތް ދޭން ޖެހޭ. ބިލިންގ ނެތް އިރު ފެން ބޭނުންކުރުން ލިމިޓް ނުކުރެވޭ ގޮތަށް އޮންނަނީ،“ މުއާޒް ވިދާޅުވި އެވެ.
ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރު، އެންމެ ބޮޑު ދަރަންޏެއް އޮތް ކުންފުންޏެއްގެ ގޮތުގައި އޮތީ ފެނަކަ އެވެ. ނަމަވެސް ފެނަކައިގެ އައު މެނޭޖްމެންޓުން އަންންނީ ފެނަކައިގެ ތަސައްވަރު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ހަރަދުތައް ކުޑަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


