ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި ކާރު އެެކްސިޑެންޓްގައި ހައްޔަރުކުރި ދެމީހަކު ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އިކްރާމުއްރަހްމާން އަދި އިބްރާހިމް އިކްރާމްގެ ބަންދު މުއްދަތު ޖެހުމަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓަށެވެ. އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ދިނީ މިއަދު އެވެ.
އިކްރާމުއްރަހްމާން މިއަދު ކޯޓުގައި ބުނެފައިވަނީ މި އެކްސިޑެންޓްގައި އަނިޔާ ލިބުނު ފަރާތް ފެނުނުއިރު އެފަރާތުގެ ބޮލުން ލޭ ފައިބަމުން ދިޔަކަމަށާއި އަދި ނޭވާލަން އުނދަގޫވެގެން އުޅުނުކަން ފާހަގަ ކުރެވުނު ކަމަށެވެ. އިކްރާމުއްރަހްމާން ބުނެފައިވަނީ އޭނާ ސީނުން ދިޔައީ ފުލުހުންގެ ގާތުގައި ބުނެފައި ކަމަށެވެ. އަދި އޭނާއަކީ އެ އެކްސިޑެންޓްގައި ޝާމިލުވާ މީހެއްކަން ފުލުހުންނަށް މައުލޫމާތު ދިންނަމަ އެ ސީނުން ދިއުމުގެ ހުއްދަ ނުދޭނަކަމަށް އިކްރާމުއްރަހްމާން ކޯޓުގައި ބުންޏެވެ. ނަމަވެސް ފުލުހުން ބުނީ އެފަދަ ހުއްދައެއް ދިންކަމަށް އެއްވެސް ފުލުހަކުވެސް ބުނެފައިވާކަން ފާހަގަ ނުކުރެވޭ ކަމަށާއި އިކްރާމުއްރަހްމާން ފުލުހުންނާ މުއާމަލާތު ކުރަނިކޮށްވެސް ސީސީޓީވީއިން ފާހަގަ ނުކުރެވޭ ކަމަށެވެ. އިކްރާމުއްރަހްމާން ވަނީ އޭނާގެ ދަރިއެއް ހުންނަކަމަށާއި މިހާރު އުޅެނީ ވަރަށް ޒިންމާދާރުކޮށް ކަމަށާއި، އޭނާ އިނީވެސް ކާރުގެ ފަތުރުގައި ކަމަށް ބުނެފަ އެވެ. އެހެންކަމުން ބަންދަށް ލުޔެއް ދިނުމަށް އެދިފައިވެ އެވެ.
މީގެއިތުރުން އިބްރާޙިމް އިކްރާމް ކޯޓުގައި ބުނެފައިވަނީ، އެކްސިޑެންޓްގެ ސަބަބުން އޭނާގެ މެއަށް ވަރަށް ބޮޑަށް ތަދުވެފައިވާ ކަމަށާއި އެހެންކަމުން އެތަނުގައި އިރުގަނޑަކު ހުރެފައި އެތަނުން ދިޔައީ ކަމަށެވެ. އެހެންނަމަވެސް ފުލުހުން ބުނެފައިވަނީ އެކްސިޑެންޓްވުމާއި އަނިޔާވި ފަރާތް އެމްބިއުލަންސަށް އެރުވުމާއި ދޭތެރޭ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓްވާ ކަމަށެވެ. އެހެންކަމުން މިދެމެދުގައި ގިނައިރުތަކެއް ނަގާފައިވާކަމަށް ނުބެލޭ ކަމަށެވެ. އިބްރާހިމް އިކްރާމް ކޯޓުގައި ވަނީ އޭނާގެ ދެ ކުދިން ތިބޭ ކަން ފާހަގަކޮށް ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ މި އެކްސިޑެންޓްގައި އަނިޔާ ލިބުނު ފަރާތުން އެކްސިޑެންޓްވެ ގޮސް ފުރަތަމަ ޖެހުނީ ކަނދުރާ ކަމަށާއި ކަނދުރާގައި ރެނދުލާފައި ހުރިކަމަށާއި، ބެކްބޯންގައި ރެނދުލާފައިވާ ކަމަށާއި އަދި ބޯފަޅައިގެން ގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި ޖިނާހް އިސްމާއިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންގޮސްފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށެވެ. އޭނާގެ ބަންދަށް އެކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
