ވިލިމާލެ 100 އެނދުގެ ހޮސްޕިޓަލް މަޝްރޫއު ކުރިއަށް ދަނީ ވަރަށް އޮމާންކޮށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަން ލިޝިން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަން ލިޝިން ވިދާޅުވީ ދެ ގައުމުގެ އެއްބާރުލުމާއެކު ވިލިމާލޭ ހޮސްޕިޓަލު މަޝްރޫއު އޮމާންކަމާއިއެކީ ކުރިއަށް އެބަދާ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ލިޝިން ވިދާޅުވި އެވެ.
ބުދަ ދުވަހު މި މަޝްރޫއުގެ މުހިންމު ސްޓޭކްހޯލްޑަރުން ވަނީ ޗައިނާގެ ފޮރިން އެއިޑް އެޖެންސީ – ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑީކާ) އާއި މޯލްޑިވްސްގެ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޓެކްނިކަލް ޓީމާ އެކު ބައްދަލުވުމަކަށް އެއްވެފަ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ފީސިބިލިޓީ ސްޓަޑީގެ ޓެކްނިކަލް ކަންކަމުގެ އިތުރުން ހޮސްޕިޓަލުގެ އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ރިކުއަރމަންޓްތަކަށެވެ.
ސަރވޭގެ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް ހަރަކާތްތެރިވަމުން އެބަދެ އެވެ.
މި ހޮސްޕިޓަލުގެ ވަސީލަތްތައްވެސް ގާއިމުކުރާނީ ޗައިނާގެ އެހީ ގައެވެ. ސަރުކާރުން މި ހޮސްޕިޓަލް ގާއިމުކުރުމަށް ނިންމީ ގުޅީފަޅުގައި އާބާދުވާނެ މީހުންނަށްވެސް އެތަން ބޭނުންކުރުމުގެ ފަސޭހަ މެދުވެރިކުރުވުމުގެ ގޮތުން ނެވެ.
މިބައްދަލުވުމުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީނިއާ މެނޭޖްމަންޓް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ މަޝްރޫއަށް ފައިސާ ހޯދުމަށް ޗައިނާ ސަރުކާރުން ހިލޭ އެހީ ހޯއްދަވަން ހުށަހަޅާފައިވާ ކަމަށެވެ. ރައީސް އެކަން އިއުލާން ކުރެއްވީ ޗައިނާގެ ބެއިޖިން އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ. ވީޑިއޯ މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެ މަޝްރޫއަށް ފުރިހަމައަށް ފައިސާ ދިނުމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށެވެ.
ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ހެލްތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ



