144 ރަށެއްގެ މަގުބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ފެއްތުމަށް އިތުރު މުއްދަތެއް ދޭން ނިންމައިފި ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮޮށްފި އެވެ.
މެއި މަހުގެ ތެރޭގައި ރ. އުނގޫފާރުގެ މަގުބައްތިއަކުން ލީކްވި ކަރަންޓްގައި ޖެހިގެން ޒުވާނަކު ނިޔާވުމާއި ގުޅިގެން ފެނަކައާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީނ (ޔޫއާރްއޭ)ް ވަނީ އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގެ މަގުބައްތިތައް އިންސްޕެކްޓްކޮށްފަ އެވެ. އެ އިންސްޕެކްޝަންތަކުން ވަރަށް ގިނަ ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރި މިންގަނޑެއްގައި ނޫން ކަން ފާހަގަވުމުން އެރަށްރަށުގެ މަގުބައްތިތައް ރައްކާތެރި މިންގަނޑަށް ފެއްތުމަށް ކައުންސިލުތަކަށް މުހުލަތެއް ދީފައި ވެއެވެ. ނަމަވެސް އަދިވެސް އެރަށްރަށުގެ މަގުބައްތިތައް ޔޫއާރްއޭ މިންގަނޑަށް ނުފެއްތުމުގެ ސަބަބުން އެ މުހުލަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލުތަކަށް ދީފައިވާ މުއްދަތަށް މަގުބައްތިތައް ޔޫއާރްއޭގެ މިންގަނޑަށް ބަދަލުނުކޮށްފިނަމަ، އެރަށްރަށުގެ މަގުބައްތިތަކަށް ކަރަންޓް ފޯރުކޮށްދިނުން ހުއްޓާލުމަށް ފެނަކައިން ނިންމާފައިވާ ކަމަށެވެ.
”ގާނޫނީ ގޮތުން މަގު ބައްތިތައް ބަލަހައްޓަންޖެހޭނީ ކައުންސިލްތަކުން. މަގު ބައްތިތަކަކީ ރައްކާތެރި އެއްޗެއްކަން ކައުންސިލްތަކުން ކަށަވަރު ކުރަންޖެހޭ“
މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން މަގު ބައްތިތައް ރައްކާތެރި މިންގަނޑަށް ފައްތަންޖެހޭ ކަމަށް ލޯކަލް ގަވަމެންޓާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ކައުންސިލުތަކަށް އަންގާފަ އެވެ.


