ހެންވޭރު ގެއަކުން ޓީވީއަކާއި ސައިކަލެއް ވަގަށްނެގި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ ހެންވޭރު ގެއަކުން ޓީވީއެއް ވަގަށް ނަގާފައިވާ މައްސަލަ ޖުލައި 28 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެގައިން ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއް ޖުލައި 30 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން މައުލޫމާތުދިނެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުން ނެވެ. އަދި މި މީހުން ވަގަށް ނެގި ޓީވީއާއި ސައިކަލް ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަނީ ހޯދާފަ އެވެ.
މި މައްސަލައާއި ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ.


