އަހަރަކު ދެފަހަރު ބައިއިލެކްޝަން ބޭއްވުމުން ހަރަދުތައް ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް މެންބަރު މުންތަޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ފަށައިފަ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާ ވާހަކަ ދައްކަވަމުން މެންބަރު މުންތަޡިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް އަމަލުކުރަމުންދާތާ 15 އަހަރު ވެފައިވާ ކަމަށެވެ. އަދި މި ހޭދަވި ދުވަސްތަކުގައި ލާމަރުކަޒީ ނިޒާމުގައި ހުރި ރަނގަޅު ކަންކަން އަދި އުނި ކަންކަންވެސް ފާހަގަ ކުރެވިފައިވާ ކަމަަށެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް ބޮޑު ހަރަދެއް ކުރާ ކަމަށާއި، އަދި އެގޮތަށް ހަރަދު ބޮޑުވަނީ މިނިވަން އިންތިހާބެއް ބޭއްވުމަށް ކުރާ މަސައްކަތުގެތެރެއިން ކަމަށެވެ. މުންތަޡިމް ވިދާޅުވީ އިންތިހާބުތަކަށް މުވައްޒަފުން ތަމުރީނު ކުރުމާއި އެކި ދަތުރުތަކަށް ބޮޑު ހަރަދު ހިންގާ ކަމަށެވެ. އަދި ކޮންމެ 6 މަަހަކުން ބައިއިލެކްޝަން ބޭއްވުމަކީ ހަރަދު ބޮޑު ކަމެއް ކަމަށާއި އަދި އަހަރަކު ދެ ފަހަރު ބައިއިލެކްޝަން ބާއްވާގޮތަށް ހަމަޖެއްސުމަކީ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވާނެ ކަމެއް ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ހިމެނެނީ، ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައިއިލެކްޝަންތައް އަހަރަކު ދެފަހަރު ބޭއްވުމަށެވެ. އަދި އަހަރަކު ދެފަހަރު ބައިއިލެކްޝަން ބާއްވާއިރު، ދެ ބައިއިލެކްޝަންގެ ދެމެދުގައި 183 ދުވަހަށްވުރެ ދިގު އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެންނުވާނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް ލާމަރުކަޒީ ނިޒާމް



