ކޮންމެ ހަ މަހަކުން އެއްފަހަރު ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ބާއްވަންޖެހޭގޮތަށް ޤާނޫނުތަކަށް އިސްލާހު ހުށަހަޅައިފި އެވެ.
އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާފައިވަނީ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީއު އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައިއިލެކްޝަންތައް ބާއްވަންޖެހޭތީ އޭގެ ސަބަބުން ބައިއިލެކްޝަންތަކަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާތީ ކަމަށެވެ. އެހެންކަމުން ބައިއިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް ހަމަޖައްސައި، ބައިއިލެކްޝަންތައް ދެން ބާއްވާނީ، ކައުންސިލެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 183 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށް އިސްލާހު ހުށަހެޅި ސަބަބުގައި ބުނެފައިވެ އެވެ. އެހެންނަމަވެސް ކައުންސިލްގެ ނުވަތަ ކޮމިޓީގެ ޤާނޫނީ އަދަދު ހަމަވާ ިންވަރަށް މެންބަރުން ނެތް ހާޅަތެއްގައި 60 ދުވަހުގެ ތެރޭގައި ބައިއިލެކްޝަން ބައްވަންޖެހޭކަމަށްވެސް އިސްލާހުގައި ކަނޑައަޅާފައިވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައިއިލެކްޝަންތައް ބާއްވަންވާނީ އަހަރަކު ދެފަހަރު ކަމުގައާއި އެފަދައިން އަހަރަކު ދެފަހަރު ބައިއިލެކްޝަންތައް ބާއްވާއިރު ދެ ބައިއިލެކްޝަންތައްގެ ދެމެދުގައި 183 ދުވަހަށްވުރެ ދިގު މުއްދަތެއް އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެންނުވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް އިލެކްޝަންސް ކޮމިޝަން (އީސީ) ލާމަރުކަޒީ ނިޒާމް
